މިއީ ބާކީވެފައިވާ ކެއްކި ކުކުޅު ކޮޅެއް ހުރިނަމަ ތައްޔާރު ކޮށްލަން ރަނގަޅު ރެސިޕީއެކެވެ. ކުރިން ކައްކާފައި ހުރި ކުކުޅު ނެތްނަމަ 140 ގްރާމްގެ ބޯންލަސް ކުކުޅު ކޮޅެއް ލޮނުކޮޅަކާއިއެކު ފެނުކައްކާލާފައި މިރެސިޕީގައި ބޭނުން ކޮށްލެވިދާނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2-3 މީހުންނަށް ވާވަރަށެވެ.
ބޭނުންވާ ތަކެތި:
1 ބޮޑު ފިޔާ
½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ކެބެޖު
½ މެދު ސައިޒުގެ ކެރެޓް
1 ބޮޑު ޓޮމާޓޯ
½ 2 ޖޯޑު ރޮށި (ބައި އިންޗި ފުޅާ މިނުގައި ހުންނާނެ ގޮތަށް ކޮށާފައި)
1 ސައިސަމުސާ ގާނާފައި ހުރި އިނގުރު
1 ސައިސަމުސާ ގާނާފައި ހުރި ލޮނުމެދު
½ ސައިސަމުސާ ނުމުގުރާ ހުރި ދިރި
½ 2 ސައިސަމުސާ ނުމުގުރާ ހުރި ކޮތަނބިރި
5 ހިކި މިރުސް
¼ ސައިސަމުސާ ނުމުގުރާ ހުރި އަސޭމިރުސް
3 ކާފޫރުތޮޅި
1 އިންޗީގެ ފޮނިތޮށި
¼ ސައިސަމުސާ ރީނދޫ
2 މޭޒުމަތީ ސަމުސާ ތެޔޮ
5 ހިކަނދިފަތް
6 އިންޗީގެ ރާނބާ
1 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
2/3 ޖޯޑު ފެން
¼ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
1 ޖޯޑު ކައްކާ ކުދިކޮށް ވީދާފައި ހުރި ކުކުޅު (140 ގްރާމް)
ބިސް
ހަދާނެ ގޮތް:
1. ފިޔާ ކުދިކޮށް ގޮޅިކޮށް ކޮށާލާށެވެ. ގިތެޔޮ މިރުސް، ކެބެޖު، ކެރެޓު އަދި ޓޮމާޓޯ ތުނިކޮށް ކޮށާލާށެވެ. ބައި އިންޗި ފުޅާ މިނުގައި ހުންނަ ވަރުގެ ދިގު އެތިކޮޅު ތަކަކަށް ވާގޮތަށް ރޮށި ކޮށާލާށެވެ (އަހަރުމެންނަށް 1 ޖޯޑު ހަމަވީ 6 ރޮށިންނެވެ). ލޮނުމެދާއި އިނގުރު ގާނާލާށެވެ.
2. ތަވައެއް އުދާ ހޫނު ކޮށްފައި އޭގެ ތެރެއަށް ދިރި، ކޮތަނބިރި، ހިކިމިރުސް، އަސޭމިރުސް، ކާފޫރުތޮޅީގެ އޮށް އަދި ފޮނިތޮށި އަޅައި ކޮތަނބިރި ކޮޅަން ރަން ކުލަ އަރާލަންދެން ހަނާ ކުރާށެވެ. ރަނގަޅަށް ހަނާ ވީމައި މީރު ވަސްވެސް ދުވާނެއެވެ. ހަނާވީމައި ތަވައިން ނަގައި ހިހޫ ކޮށްލާށެވެ. ދެން މިކްސަރުގެ މުގުރާ ބަޔަށް އެއެއްޗެހި ރީނދޫ ކޮޅާއި އެކު އަޅާށެވެ. ދެން ރަނގަޅަށް ހިމުންވަންދެން މުގުރާލާފައި އެހަށް ބަހައްޓާލާށެވެ.
3. ތެޔޮކޮޅު ތެއްޔަކަށް އަޅައި ހޫނު ކުރާށެވެ. ދެން އޭގެ ތެރެއަށް ފިޔާ، ގިތެޔޮ މިރުސް، ހިކަނދިފަތް އަދި ރާނބާފަތް އަޅާށެވެ. ފިޔާކޮޅު މަޑުވެ އެއަށް ރަންކުލަ އަރަން ފަށަންދެން ކައްކާށެވެ. ދެން އިނގުރާއި ލޮނުމެދު އަޅާ އެއްކޮށްލާފައި ބައި މިނިޓެއް ހާއިރު ކައްކާލާށެވެ.
4. ދެން ތެލީގެ ތެރެއަށް ކެބެޖު، ކެރެޓު އަދި ޓޮމާޓޯ އަޅާފައި ކެބެޖުކޮޅު މަޑުވެލަންދެން ކައްކާލާށެވެ. އަހަރުމެންނަށް މިކަމަށް 5 މިނިޓުވަރު ނެގިއެވެ.
5. މުގުރި ހަވާދާއި ސޯޔާ ސޯސް، އޮއިސްޓަރ ސޯސް އަދި ފެން ތެލީގެ ތެރެއަށް އަޅާ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ރަހަ ބަލާލާފައި ލޮނު ހެޔޮވަރު ކޮށްލާށެވެ. ދެން ބައި މިނިޓެއްހާއިރު ކައްކާލާށެވެ.
6. ކުކުޅު ކޮޅު ތެއްޔަށް އަޅާ ހުރިހާ އެއްޗަކާއި އެއްކޮށްލާފައި 3 މިނިޓު ކައްކާލާށެވެ.
7. ދެން ރޮށިކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
8. ކުޑަ ބޯތަށްޓެއްގައި ބިސްކޮޅު ގިރާލާށެވެ. ދެން ތެލީގައި ހުރި ސާމާނު އެއް ފަރާތަށް ޖައްސާލާފައި ހުސްވި ޖާގައަށް ބިސްކޮޅު އަޅާލާށެވެ. ބިސް ސެޓުވާން ފެށީމައި ދޭފަތުން ހާވާލާފައި އެހެން އެއްޗިއްސާ އެއްކޮށްލާށެވެ. އެއިރުން އެ ނިމުނީއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2021. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.